ޚަބަރު
އެމްޑީޕީން ރުހުންނުދިން ތިން ވަޒީރުންނަށް ރުހުންދީފި
19 ވަނަ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް 20 ވަނަ މަޖިލީހުން ރުހުންދީފި
ނަވާރަވަނަ މަޖިލީހުން ރުހުން ނުދިނުމަށް ފާސްކުރި ތިން ވަޒީރުން ކަމަށްވާ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

މަޖިލީހުން ރުހުން ނުދިން ނަމަވެސް، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވަނީ އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ. އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް 19 ވަނަ މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ރުހުންދީފަ އެވެ.

މިދިޔަ 19 ވަނަ މަޖިލީސް އުވުނުއިރު ވެސް އެ ތިން ވަޒީރުންނަށް ރުހުންދިނުމާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް މިދިޔަ މަހުގެ 28ގައި ހުވާކުރުމަށް ފަހު ބޭއްވި މި ދައުރުގެ ދެވަނަ ޖަލްސާގައި ވަނީ އެންމެ ފުރަތަމަ ވެސް އެ މައްސަލަ އެޖެންޑާކޮށްފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އަލުން އެ މައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

އުޝާމަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. ހައިދަރަށް ރުހުން އޮތް ކަމަށް 81 މެންބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.

މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި 89 މެންބަރުން ތިއްބެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު