ޚަބަރު
ޒަމާނަށް ނުފެތޭ ބައެއް ގާނޫނުތައް އުވާލަނީ..!
އޭޖީ އަހުމަދު އުޝާމް: ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 213 ބިލު ކަމަށް ވިދާޅުވި
ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިސްލާހުކުރަންޖެހޭ ގާނޫނުތަކުގެ ގޮތުގައި 26 ބިލެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިފި އެވެ.

އޭޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އަހުމަދު އުޝާމް ވިދާޅުވީ 2028 ގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ 213 ބިލު އެކުލަވާލާފައި ވަނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށެވެ.

ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގަނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި 135 ބިލެއް ހިމެނޭ ކަމަށް ވެސް އޭޖީން ބުނެ އެވެ.

"ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ގެންދާނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް. އެފަދައިން ހުށަހަޅާއިރު ހާލަތަށާއި ބޭނުމަށް ރިއާތަތްކުރަން ޖެހޭނެތީ، މަދުވެގެން އަހަރަކު އެއްފަހަރު ލެޖިސްލޭޓިވް އެޖެންޑާ މުރާޖާ ކުރާނެ،" އޭޖީން ބުންޏެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ 1970 ހިސާބުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެބިލުތައް އުވާލުމަށް ނުވަތަ އެ ގާނޫނުތައް ޒަމާނަށް ފެއްތުމަށް ބިލުތައް ހުށަހަޅުއްވާނެކަމަށް އުޝާމް ވިދާޅުވި އެވެ. 

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލުމުގައި އިސްކަންދީފައިވާ ބިލުތައް:

  • ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތައް
  • ގާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި ގާނޫނުއަސާސީއާ ތައާރަޒުވުމުގެ ސަބަބުން އިސްލާހު ގެންނަންޖެހޭ ނުވަތަ އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ގާނޫނެއް ހެދިފައި ނެތް، އެހެންނަމަވެސް ގާނޫނަކުން ކޮންމެހެން ބާރު ލިބިދޭންޖެހޭ ކަންކަމާ ގުޅޭ ބިލުތައް
  • މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އިސްލާހު ގެންނަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
  • ޒަމާނާ ނުގުޅޭތީ އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކާ ގުޅޭގޮތުން އެކުލަވާލަން ޖެހޭ ބިލުތައް
  • ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް
އަދި މިހާރު އަމަލުކުރަމުންދާ ގާނޫނުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ އަދި އުވާލަންޖެހޭ ބިލްތަކާއި، މުޅިން އަަލަށް އެކުލަވާލާ ބިލްތަކުގެ އިތުރުން ވެސް، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރާއްޖޭގައި އަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކާ ގުޅޭ ބިލުތައް އޭގެ ތެރޭގައި ހިމެނިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވީހާ ވެސް އަވަހަކަށް ގެނައުމެވެ. އަދި ކުރިޔަށް އޮތް އީދު ބަންދަށް ފަހު، އިތުރު ބިލްތައް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު