ޚަބަރު
ހޯމް މިނިސްޓަރާއި ފުލުހުން ހާޒިރުކުރި 241 ކޮމިޓީ ސިއްރު
241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަދި ފުލުހުންގެ އިސްވެރިން ބައިވެރިވަނީ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީއަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި ފުލުހުންގެ އިސްވެރިން ހާޒިރުކޮށް އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ބައްދަލު ކުރުމެވެ.

އެ ބައްދަލުވުމުގައި ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެންމެ ފަހުން އެ ކޮމިޓީ އަށް މިނިސްޓަރު އިހުސާން ވަޑައިގެން ދެއްކެވި ވާހަކަތަކުގައި އިތުރު ސިއްރު މައުލޫމާތުތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެންމެ ފަހުން އެ ކޮމިޓީއަށް ހޯމް މިނިސްޓްރީ ހާޒިރުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އާއި ވައްކަމާއި އެހެނިހެން ކުށްތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވައިފަ އެވެ.

މަޖިލީހުގައި ހަދާފައިވާ ކޮމިޓީތަކުގެ ތެރެއިން އެންމެ ބާރުގަދަ ކޮމިޓީއަކީ ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައި އޮންނަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އެވެ. މި ކޮމިޓީ އެކުލަވާލާފައިވަނީ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ ގޮތަށް އަމިއްލަ މެންބަރަކުވެސް ހިމެނޭ ގޮތަށެވެ.

ސަލާމަތީ އިދާރާތަކާއި ގުޅޭ މައްސަލަތަކާއި ސަލާމަތާ ގުޅުންހުރި މައްސަލަތަކާއި އެކަމާ ގުޅުންހުރި ބިލްތައް އަބަދުވެސް ދިރާސާ ކުރަނީ 241 ކޮމިޓީންނެވެ.

ސިފައިންނާއި ފުލުހުން، ޑިފެންސް މިނިސްޓްރީ އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅުން ހުރި މައްސަލައެެއް މަޖިލީހުން ބަލާނަމަ އެ މައްސަލައެއް ބަލާނީ 241 ކޮމިޓީންނެވެ. އެ އިދާރާތަކާ ގުޅޭ ގޮތުން ހުށަހަޅާ ބިލުތައް ދިރާސާކުރާނީ ވެސް އެ ކޮމިޓީންނެވެ.

އެ އިދާރާތަކުގެ މައްސަލަތައް ބަލައި ކަންތައްތައް އިސްލާހު ކުރަން އެންގުމާއި އެ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް އެކޮމިޓީއަށް އޮވެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު