ޚަބަރު
އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭނެ އަދަދު ކަނޑައެޅުމަށް ދިރާސާއެއް ހަދަނީ
މާލޭ ސަރަހައްދުގައި ވެހިކަލްތަކާ ގުޅޭ އެސެސްމެންޓެއް ހަދަން ސިޓީ ކައުންސިލުން ޔުނިވާސިޓީއާ ހަވާލުކުރުން
މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ސާވޭކޮށް، އެކަމާ ގުޅޭ ދިރާސާ ހެދުމަށް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އާ ހަވާލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މާލެ ސިޓީގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި އުޅަނދު ދުއްވޭނެ މުއްދަތު ކަނޑައެޅުމަށްޓަކައި ދިރާސާއަކާއި އެސެސްމެންޓެއް ހެދޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އައިޔޫއެމްއާ އެ މަސައްކަތް ހަވާލުކުރީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށާއި އަދި އެ މަސައްކަތް ހަވާލުކުރީ 625،700ރ. އަށް ކަމަށް އެ ކައުންސިލުން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެޑްމިން އެންޑް ފައިނޭންސް އަހްމަދު އަމީން މުހައްމަދު މިއަދު 'ދައުރު'އަށް ވިދާޅުވީ އިއްޔެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިއަދު ދިރާސާގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"ޑިސެމްބަރުގެ ދުވަހަށް، އެއްބަސްވުމުގެ މުއްދަތު ހަމަވާނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އުންމީދަކީ އޮކްޓޫބަރު ނިމެންވާއިރަށް މި ދިރާސާގެ ޑްރާފްޓް ނިމި، ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުން،" އޭނާ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ބޭނުން ކުރެވޭނެ ވެހިކަލްތަކާ ގުޅޭ ދިރާސާ ހަދަން ކައުންސިލުން ހަވާލުކޮށްފައި ވާއިރު، މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމާފައިވާކަން ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ. އަދި ޓްރެފިކް މައްސަލަ ހައްލު ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ބޮޑު ޕްލޭނެއް ސަރުކާރުން ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އެއްގަމުއުޅަނދު ރާއްޖޭގައި އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ ސަރަހައްދަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު