ވިޔަފާރި
މަސްވެރިންނަށް ނުދީ ހުރި 17 މިލިއަން ރުފިޔާ ދޫކުރަން ފަށައިފި
ދައުލަތުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝިން ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންނަށް ދޫކުރަން ޖެހިފައި ހުރި 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ. 

މިފްކޯއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިދިޔަ މަހުގެ 24އިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ 17،350،903 ރުފިޔާއަށް އަރާ ކަމަށެވެ. އަދި ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން މިދިޔަ ބުރާސްފަތި ދުވަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިންގެ ފައިސާ ނުދެވިހުރި ބިލްތަކާ ގުޅުވައި ފިޝަރީސް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ އެ ކުންފުންޏާ ދެމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެވި ބާކީ ހުރި ފައިސާ މި ހަފުތާގެ ނިޔަލަށް ދައްކައި ޚަލާސްކުރުން ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން މިފްކޯއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެންބަރު 17އިން ފެށިގެން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ވަނީ ބިލިއަނަކަށް ވުރެ ފައިސާ ޖަމާކޮށްދީފަ އެވެ.

މިފްކޯއަށް ކުރިމަތިވެފައިވާ ކޭޝް ފްލޯގެ މައްސަލަތަކާއި ދައުލަތުގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ލަސްތަކެއްވި ނަމަވެސް މަސްވެރިންނަށް ފައިސާ ދޫކުރާ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސަރުކާރު ބަދަލުވިއިރު މަސްވެރިންނަށް ދައްކަންޖެހިފައި ހުރި 200 މިލިއަނެއްހައި ރުފިޔާ ނުދައްކައި ހުއްޓެވެ. އެއިރު މަސްވެރިން އަތުން މަސް ގަންނަމުންއައީ ކިލޯއެއް 25 ރުފިޔާގެ ރޭޓުން ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށްވުރެ އެތައް ގުނައެއް ބޮޑު ކޮށެވެ.

މި ސަރުކާރުންވަނީ މަސް ކިރުވާ އަގަކީ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ބަލައިގެން މިފްކޯއަށް ގެއްލުންނުވާ ގޮތަށް ކަނޑައަޅާ އަގެއްކަމަށް ހަމަޖެއްސުމަށް އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު