ޚަބަރު
މިފްކޯގެ "ރަސް އައިން" ބްރޭންޑަށް ހެދިކާ ސަޕްލައިކުރާނެ ފަރާތްތައް ހޯދަނީ
މިފްކޯގެ "ރަސް އައިން" ބްރޭންޑަށް ގުޅަ، ބަޖިޔާ ފަދަ ތަކެތި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އިއުލާނުކޮށްފި އެވެ.

މިފްކޯއިން ކުރި އިއުލާނުގައި ބުނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން"ގެ ބާވަތްތައް ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުން ކަމަށް މިފްކޯއިން ބުންޏެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި"ރަސް އައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ، އަގު އެއްކުރެވިފައިވާ ދިވެހި ކާނާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ، ކުޅި ކާޖާ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެސް މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ދުވަހަށް ތާޒާކަންމަތީ ބެހެއްޓޭނެ ފަދަ ކާބޯތަކެތި ތައްޔާރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ ކުރިން މި ޕްރޮގްރާމް މެދު ކަނޑާލަން ޖެހުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށެވެ. އަދި އޭރު މައިގަނޑު ގޮތެއްގައި ޅ. ހިންނަވަރާއި ޅ. ނައިފަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުންކަމަށާއި، މިފަހަރުގެ އަމާޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކި އަތޮޅުތަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިކުރުވުމަށް ބާރުއެޅުން ކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތް އަޅުގަނޑުމެން އަލުން މި ފަށަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓް ރޭންޖަކަށް މިކަން ގެންދާނަން. މިސާލަކަށް ހޮވޭ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮއަގެއްގައި ކުނޑިމަސް ފޯރުކޮށްދޭނަން. އެގޮތަށް ވަރަށް ގިނަ ބާވަތްތަކުން ރަނގަޅު އަގެއް ދެވޭނެ." ސަނިއްޔާ ވިދާޅުވިއެވެ.

ސަނިއްޔާ ވިދާޅުވިގޮތުގައި މި މަސައްކަތަށް ހޮވޭ ފަރާތްތަކުން އާންމުންގެ މެދުގައި އިތުބާރު ހޯދާފައިވާ މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ބާވަތްތައް އުފެއްދުމަށް ބާރުއަޅާނެއެވެ. އަދި އައު ގިނަ ބާވަތްތައް ބާޒާރަށް ނެރުމަކީ އެންމެ ބޮޑު އަމާޒުކަން ސަނިއްޔާ ފާހަގަކުރެއްވިއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހޭއިރު، ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު މިފްކޯއަށް ހުށަހަޅަންޖެހެއެވެ. އަދި ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްސީލު ހިމަނަންޖެހެއެވެ.

މިފްކޯއިން ބުނިގޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހުށަހަޅަން ޖެހެއެވެ. އަދި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެކަން އެކުންފުނިން ފާހަގަކުރި އެވެ.

މިފްކޯއިން ބުނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހުށަހަޅަން ޖެހޭ ކަމަށެވެ.

ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުން ގަޑިއަކީ އޮކްޓޯބަރު 7، ގެ މެންދުރު ފަހު 14:00 އެވެ.

މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ bid@mifco.mv އަށް ޕްރޮޕޯސަލްތައް އާންމުންނަށް ފޮނުވޭނެ ކަމަށާއި އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިފްކޯގެ 3323932 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިފްކޯއިން އާންމުންނަށް މިފުރުސަތު ހުޅުވާލައިފައިވާއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުން ގަޑިއަކީ މިއަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ. އެގޮތުން މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ މެއިލްއަށް ޕްރޮޕޯސަލްތައް އާންމުންނަށް ފޮނުވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިފްކޯގެ ނަމްބަރު، 3323932 އަށް ގުޅުމުން ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު