
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހުމާންދާރީއަށާއި މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ކުރައްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ޤައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީއާއި ލާސާނީ ޘަގާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާ އިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރުވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމާއި އިގުތިސާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައިވެސް މަޝްވަރާކުރައްވާފަ އެވެ.