
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 61 މެންބަރުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއިރު، އެއްވެސް ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ބިލުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެކުރިން އޮންނަ ގޮތުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 30،000ރ. އާއި 75،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނީ އެ މީހެކެވެ.ބިލުގައި އިތުރަށް ހިމަނާފައި ވަނީ، ޕާޓީއެއް އުވާލައިފިނަމަ، އެ ޕާޓީގެ ނަމާއި ނިޝާނާއި ސިއްކަ އާއި ކުލަ ފަދަ ޕާޓީ ރަމްޒުކޮށްދޭ ތަކެތި ޕާޓީ އުވާލާތާ ފަސް އަހަރު ނުވާ ނަމަ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވިޔަސް ޕާޓީ އުވާނުލެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.