ޚަބަރު
ޑިމޮކްރެޓްސްއިން ވަކިވެ އަމްރު އެމްޑީޕީއަށް
ކުރީ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އެންމެ ފުރަތަމަ ހުންނެވި ހުސައިން އަމްރު، އެމްޑީޕީ ދޫކުރައްވައި، ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސްއިން ވެސް ވަކިވެ، އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

އަމްރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރެއްވީ އެމްޑީޕީއަށް ނިސްބަތްވާ، ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒު ވިދާޅުވީ ސިޔާސީ އިސްލާހީ މަސައްކަތުގައި އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށެވެ.

"އެ ފުރުސަތު ސިޔާސީ ކުރިމަގު ހޯދަން އެދޭ ކޮންމެ މީހަކަށް އެމްޑީޕީގައި ތަންމިނަށް ވަނީ ހުޅުވިފައި،" ނިޔާޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އަމްރުގެ ބަހެއް ނުލިބެ އެވެ. ނަމަވެސް އަމްރު އެމްޑީޕީއަށް ސޮއިކުރިކަން އޭނާގެ ގާތް މީހަކު "ސީއެންއެމް" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޑިމޮކްރެޓްސް ދޫކުރައްވައި އަމްރު ވަޑައިގެންނެވިއިރު، އެ ޕާޓީން އޮތީ މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެހެން ޕާޓީތަކުން އެ ޕާޓީއާއެކު މަސައްކަތްކުރަން އެދޭނަމަ އެ ކަމުގެ މަޝްވަރާއަށް ވެސް ތައްޔާރު ކަމަށް ބުނެފައެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީ ދޫކޮށްލައްވައި އުފެއްދެވި ޕާޓީއެކެވެ.

އެމްޑީޕީގައި ކުރިން ވަަރަށް އިސްކޮށް އުޅުއްވި އަމްރު އަކީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބުގެ ރަނިންމޭޓެވެ.

އަމްރު ވަނީ އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާއަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއް ވެސް ލިބިފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު