ޚަބަރު
ޕާޓީގެ ނަމުގައި ސައްހަ ނޫން ފޯމު ހުށަހެޅިކަން ފާހަގަކުރެވިފައިވޭ: ޕީއެންސީ
ޕީއެންސީއަށް މެންބަރުން އިތުރުކުރަން ހިންގި 'މެމްބަޝިޕް ޑްރައިވް'ގައި ޕާޓީއަށް ހުށަހެޅުނު އެތައް ހާސް ފޯމެއް އެ ޕާޓީގެ ފަރާތުން އީސީއަށް ހުށަހަޅާފައިވަނިކޮށް، މަދުން ނަމަވެސް ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ޕީއެންސީން މިއަދު ބުނެފި އެވެ.


ޕީއެންސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "މެންބަޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އީސީއަށް ހުށަހަޅާފައި ވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޕީއެންސީ އިން ބުނީ ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ޕާޓީގައި ނެތް ކަމަށެވެ.

"ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުގެ ނަތީޖާއަކީ ފޯމެއްގެ ސައްހަކަމާއިމެދު ސުވާލެއް އުފެދޭ ހިސާބަކީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމުގައި ވުމެވެ،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ޕީއެންސީން ބުނީ، ސައްހަ ނޫން ފޯމްތަކެއްގެ މުގާބިލުގައި އެ ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކެއް ގެއްލޭފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަކީ އެ ޕާޓީގެ ރައީސް އަދި ލީޑަޝިޕުން އެއްވެސް ވަރަކަށް ބަލައިގަންނަ ނުވަތަ ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އުފެދިފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށާއި، ޕާޓީގެ މެންބަރުންނާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީން ކުރަންޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި، ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ކޮންގްރެސް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ އެ ޕާޓީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ.

"އެފަދަ ޚުސޫމާތުތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ކަށަވަރުކަން މި ޕާޓީގެ ފަރާތުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން،" ޕީއެންސީން ބުންޏެވެ.

ޕީއެންސީ އިން މިހެން ބުނެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ފިއްޓޭ ޕީއެންސީއަށް ވައްދާފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާއާއި އެކު މަސައްކަތް ކުރި ވައިކަރަދޫ ދާއިރާގެ އެތައް ރައްޔިތަކާވެސް އެކު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު