ޚަބަރު
ފެންބޮޑުވުމުން މިއަދަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި
މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މެދުކެނޑުމެއް ނެތި ބޯކޮށް ވާރެ ވެހުމުގެ ސަބަބުން މާލެ ފެނުއަޑީގައި އޮތްއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަަމަށް ލަފާކޮށް ހެނދުނު 7:00 އަށް ހަމައަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ އޮރެންޖު އެލާޓު ނެރެފަ އެވެ.

"މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ 2 މާރިޗް 2025 ވަނަ ދުވަހަކީ (މިއަދު) ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި،" ސަރުކާރުގެ ތަޖުރަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އިއްޔެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން މަގުތަކުން ފެން ހިންދުމަށް ސިފައިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން ދާކަމަށެވެ.

"ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން،" ހީނާ ލިޔުއްވާފައި ވެއެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު ހަތެއް ޖަހަންދެން ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މާލޭގެ ހަ ސަރަހައްދެއްގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު