ކަންކަން ހުއްޓި މަޑުޖެހިއްޖެ، ހޯރަފުށީގައި އަލަށްފެށި އެއްވެސް މަޝްރޫއެއް ނެތް: ރައޫފް
ހޯރަފުށީ ކައުންސިލްގެ ރައީސް ވަހީދު ހިމެނޭހެން ކައުންސިލްގެ ބައެއް މެންބަރުން - ފޮޓޯ: ކައުންސިލް
ހޯރަފުށީގެ އުމްރާނީ ތަރައްގީގެ ކަންކަން ހުއްޓި މަޑުޖެހިއްޖެ ކަމަށާއި ހޯރަފުށީގައި މި ސަރުކާރުން އަލަށްފެށި އެއްވެސް މަޝްރޫއެއް ނެތް ކަމަށް އެ ރަށު ކައުންސިލަރު އަހުމަދު ރައޫފް ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ ކައުންސިލަރު އަހުމަދު ރައޫފް އޭނާގެ ޝޯޝަލް މީޑިއާގެ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 19 މަޖިލީހުގެ ނައިބް ރައީސް އެމްޑީޕީ މެންބަރު އަހްމަދު ސަލީމް އިންނަވައިގެން 2023 ވަނަ އަހަރުގެ ފާސްކުރެވުނު 2024 ވަނަ އަހަރުގެ ބަޖެޓުގައި ގިނަ ކަންތައްތަކެއް ހޯރަފުށީގައި ކުރުމަށް ބަޖެޓުގައި ލިޔުނު ނަމަވެސް 2024ވަނަ އަހަރު ނިންމާލާ 2025 ވަނަ އަހަރު ފެށި 3 މަސް ވެގެން ދިޔަ އިރުވެސް އަލަށްފެށިފައިވާ އެއްވެސް މަޝްރޫއެއް ނެތް ކަމަށެވެ."ކަންކަން ހުއްޓި މަޑުޖެހިއްޖެއެވެ. ސްޕީޑް ބުރޭކަރެއްގައި ނުބެދި އިންނަ ކުޑަ ތަންކޮޅެއް ބައްދާލާ އެއީ ބޮޑު ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ސިފަކުރުމުން މިރަށުގެ މުސްތަޤްބަލު ވަރަށް ސާފެވެ" ރައޫފް ވިދާޅުވި އެވެ. 2024ވަނަ އަހަރު ގާތް ގަނޑަކަށް 55 ބިލިއަން ރުފިޔާ ހަރަދުކޮށް ނިންމާލި އިރު ދައުލަތުގެ އެއްބާރުން ކުރަން ނިންމާ ބަޖެޓް ކޮށްފައިވާ ހަމަ އެއްވެސް ކަމެއް ނުކުރެވުނީ ކީއްވެގެން ތޯ ރައޫފް ވަނީ ސުވާލުކުރައްވާފަ އެވެ.
ރައޫފް ވިދާޅުވީ 2025 ވަަނަ އަހަރުގައި މި ރަށުގައި ހިންގަން ނިންމާފައިވަނީ ކޮން ޕްރޮޖެކްޓްތަކެއްކަން އަދި ބަޖެޓްކުރެވިފައިވަނީ ކިހާ ފައިސާއެއްކަމެއް 2024 ވަނަ އަހަރު ތައްޔާރުކޮށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ފޮތަކުން އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް ކަމަށެވެ.
"މި ގޮތައް ރައްޔިތުން ވާނުވާގައި ތިބެންޖެހޭނީ ކިހާ ދުވަހަކު ބާ.." އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ރައޫފް ސުވާލު ކުރެއްވި އެވެ.
ރައޫފް ވިދާޅުވީ އެއާޕޯޓް އެޅީ ކާކުތޯ ދެން ބެލުމުގެ ބޭނުމެއް ނެތް ކަމަށާއި އެއީ ރޯމާ ދުވާލު، ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މަނަފަރު ރިސޯޓުން އެތައް ޒުވާނުންނެއް ވަޒީފާއިން ކަނޑާލި ދަނޑިވަޅެއްގައި އެ މީހުންވެސް ބައިވެރިވުން އޮވެގެން ގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.
"ފަހަރުގައި އެތަނަށް ނުދާ ބަޔަކު، ނުވަތަ އެކަން ކުރިކަން ނޭގޭ ބަޔަކަށް އެކަމުގެ ހަޤީޤަތް އޮލިފައި އޮވެދާނެ، މިއަދު މުހިއްމީ އެތަން އެޅީ ކާކު ތޯ ބެލުމަށްވުރެ 2024 ވަނަ އަހަރު ބަޖެޓް ފޮތުގައި ހުރި ޕްރޮޖެކްޓްތަކަށް ވީ ގޮތް ބެލުން ނޫން ތޯ." ރައޫފް ސުވާލު ކުރެއްވި އެވެ.
ކައުންސިލަރު ރައޫފްގެ ކަންބޮޑުވުން މިއަދު ވެސް ބަންޑުންކޮށްލެއްވިއިރު މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ. އިދިކޮޅު އެމްޑީޕީގެ ފުލް މެޖޯރިޓީ އޮތް ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުން، ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުންމީދު އާވެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސް ކަމެއް ކަމެވެ. ކޮންމެ އަކަސް މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. އަދި އެއް ވާހަކަ އެވެ.މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.