ވިޔަފާރި
ލ. ފޮނަދޫގައި ޕޯޓް އަދި ބަންކަރިން ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
ލ. ފޮނަދޫގައި ބަނދަރާއެކު، ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާ ފަރާތްތަކާއި ސަރުކާރުން ބައްދަލުކޮށް މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތުތައް ދޭނެ ކަމަށެވެ.

އީއޯއައި ހުށަހެޅުމަށް މުއްދަތު ދީފައި ވަނީ އޯގަސްޓް 7، ގެ ނިޔަލަށެވެ. މިގޮތުން ހުރިހާ ލިޔެކިޔުންތައް ޕީޑީއެފް ފޯމެޓްގައި proposals@trade.gov.mv އަށް ހުށަހަޅަން މިނިސްޓްރީން އެދެ އެވެ.

ފޮނަދޫގައި ޕޯޓް އަދި ބަންކަރިން މަޝްރޫއުގެ ދަށުން ތެޔޮ ރައްކާކުރާ ތަނަކާއި، އޮފްޝޯ ނުވަތަ ފްލޯޓިން ޓޭންކްގެ އިތުރުން މެރިން ސަޕޯޓަށް ބޭނުންވާ ތަންތަން އިމާރާތްކުރަން ޖެހޭނެ އެވެ.

 އަދި މަޝްރޫއުގެ ދަށުން ޕޯޓަށް ޓްރާންސިޓްކުރާ ކަނޑު އުޅަނދުތަކަށް ތެލުގެ ހިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ޔޫޓިލިޓީސް އާއި ސާވިސް ފެސިލިޓީސް ވެސް ގާއިމުކުރަން ޖެހެ އެވެ. 

ފޮނަދޫގައި ބަންކަރިންގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ސަރުކާރުން ވަނީ ސެޕްޓެމްބަރު 19، 2024ގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށާފައެވެ.

މިދިޔަ މެއި މަހު މަހުގެ ތިންވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން އެހައިތަނަށް 7.4 މިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 114 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު