ވިޔަފާރި
20 މިލިއަން ޑޮލަރު އިންވެސްޓްކުރި ބަންކަރިން އިން އުފެދުނު ވަޒީފާއެއް ނެތް!
މިނިސްޓަރު ސައީދު އަދި ދާއިރާގެ އެމްޕީ އަލީ ހޯރަފުށި ސްޓިއަރިންގް ކޮމިޓީ ބައްދަލުކުރައްވަނީ
އިހަވަންދިއްޕޮޅު އޮންނަ ސަރަހައްދުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން 15-20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 19 ސެޕްޓެމްބަރ 2024 ގައި އެވެ.

ރާއްޖޭގެ އުތުރަށް ނިސްބަތްވާ ސައީދު ވިދާޅުވީ، ވިޓޯލްއާ އެކު އެސްޓީއޯ އިން "ޕްރޮފިޓް ޝެއަރިން މޮޑެލްއެއް" ގެ ދަށުން ވިޔަފާރި ކުރާއިރު، އެ ވިޔަފާރީގައި ބޭނުން ހިސާބަކަށް ދިއުމުގެ ފުރުސަތު އެސްޓީއޯ އަށް އެބައޮތް ކަމަށެވެ.

ބަންކަރިންގެ ހިދުމަތާއެކު ވަރަށް ބައިވަރު ހިދުމަތްތައް ފަށާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ. އޭގެތެރޭގައި ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތުގެ އިތުރުން ވޯޓާ ބަންކަރިން އާއި މެއިންޓެނެންސް ހިދުމަތް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކޮށްދިނުން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހަށް 28 އޮކްޓޫބަރ 2025 ވަނަ ދުވަހު ހާޒިރުވެވަޑައިގެން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ސިޔާސަތު ސަރުކާރުން ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޓީއޯއާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމެއްގެ ތަފުސީލު އެސްޓީއޯގައި ހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.


"ދެން މިއާ ގުޅިގެން 14 ކަމެއް މެރިޓައިމް ދާއިރާއަށް އަންނާނެޔޭ ނުވަތަ އައިސްފިތޯ އެ ސުވާލުތަކާއި އަދި އޭގެ ސަބަބުން އުފެދުނީ ކިތައް ވަޒީފާކަމާއި އޭގެ ސަބަބުން ކިތައް ބޯޓު އައިސްފިކަމާއި މި ހުރިހާ އެއްޗެއް، އަޅުގަނޑު ވާހަކަ ފަށަމުން ވެސް މި ދެންނެވީ މި ހިދުމަތް ދިނުމަށް އެސްޓީއޯއަށޭ އެއޮތީ ހަވާލުކޮށްފައި، އެ ބޭފުޅުން އަތްޕުުޅުގައި ހުންނާނެ ތި ހުރިހާ ތަފުސީލެއް،" ސައީދު ވިދާޅުވި އެވެ.


އަމީން ފައިސަލް ސުވާލު ކުރެއްވީ ބަންކަރިން ހިދުމަތާއެކު ފަށަން ނިންމި 14 ހިދުމަތް ފެށިފައި ވޭތޯ އާއި ބަންކަރިން ހިދުމަތުގެ ސަބަބުން މިހައިތަނަށް އުފެދުނީ ކިތައް ވަޒީފާތޯ އެވެ. އޭގެއިތުން ފާއިތުވި އެއް އަހަރު ތެރޭގައި ކިތައް ބޯޓު ބަންކަރިންގެ ހިދުމަތް ރާއްޖެއިން ހޯދިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. 

ހޯރަފުށި ސަރަހައްދުގައި ބަންކަރިން ފެށިގެން ވަޒީފާ ލިބުމަށް ހައްލެއް އަންނާނެ ކަމަށް ބުނި ނަމަވެސް ވަޒީފާ އެއް އަދި ލިބުނު މީހަކުނެތެވެ. "ފެން" ބަންކަރިން އަށް ހެދި ބާޖު ފަދައިން ހޯރަފުށީ ދާއިރާގައި އިގްތިސޯދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ވެސް އޮތީ "ފެން" ވެފަ އެވެ. ފެންނަން އޮތީ މި ފޮޓޯގަނޑެވެ. މިނިސްޓަރު ސައީދު ދުރުގައި އެހުންނެވީ އަތްޖައްސަވާށެވެ. ނަމަވެސް ޖައްސަވާ ހިސާބެއް ދިމަލެއް ނުވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު