ޚަބަރު
ގާޒީ ފާއިޒު ވަކިކުރަން މަޖިިލިހުން ފާސްކޮށްފި
ކްރިމިނަލް ކޯޓުގެ ގާޒީކަމުން ހުސައިން ފާއިޒް ރަޝާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފާއިޒު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ފަހު، އެ ކޮމިޓީން އިއްޔެ ވަނީ އޭނާ ވަކިކުރަން ނިންމާފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ، ފާއިޒު މަގާމުން ވަކިކުރަން ފެނޭތޯ މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހީ އެވެ.

ގާޒީ ކަމުން ފާއިޒު ވަކިކުރަން ފެންނަ ކަމަށް 56 މެންބަރަކު ވޯޓު ދެއްވި އެވެ. އޭނާ ވަކިކުރަން ނުފެންނަ ވޯޓު ދެއްވީ 8 މެމްބަރެކެވެ.

މަޖިލީހަށް ޖޭއެސްސީން ފޮނުވި ސިޓީގައިވާ ގޮތުން، އެ ކޮމިޝަނުން ގާޒީ ފާއިޒްއާ ގުޅޭ ގޮތުން ބެލީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލައެކެވެ.

މީގެ ކުރިން ވެސް ގާޒީ ފާއިޒު މައްސަލައަކާ ގުޅިގެން ސަސްޕެންޑުކުރިއެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައެއްގައެވެ.

އެ މައްސަލައިގައި ނޮވެންބަރު ހަތަރެއް، 2021 ގައި ފާއިޒް ސަސްޕެންޑުކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު، އެ އަހަރުގެ ޑިސެންބަރު 26ގައި ޖޭއެސްސީން ވަނީ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލާފައެވެ.

ހުސައިން ފާއިޒު ރަޝާދު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހެވެ. އޭގެ ކުރިން ހުންނެވީ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމުގައެވެ. ސިވިލް ކޯޓަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްކަމުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު