ޚަބަރު
ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހައި ކޯޓު: ކޯޓަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހޯދަން ވަނީ އިއުލާންކޮށްފައި - ފޮޓޯ: މިހާރު
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށާއި ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. 

މި ދެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލެވޭނީ އެ ކޯޓްގެ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނަށެވެ. 

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. ހައި ކޯޓުގައި މި ވަގުތު 11 ފަނޑިޔާރުން އެބަ ތިއްބެވެ. ހައިކޯޓުގެ އިސް ފަނޑިޔާރުގެ އަސާސީ މުސާރަ އަކީ މަހަކު 47،700 ރުފިޔާ އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18،000 ރުފިޔާ އާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާގެ އިތުރުން ފޯނު އެލަވަންސްވެސް ލިބޭނެ އެވެ. 

ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމާ އެކު އެވެ. ފެމެލީ ކޯޓުގައި މި ވަގުތު ހަތް ފަނޑިޔާރުން އެބަ ތިއްބެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ އަސާސީ މުސާރަ އަކީ މަހަކު 39،700 ރުފިޔާ އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18،000 ރުފިޔާ އާއި ރިސްކް އެލަވަންސަށް މަހަކު 3،300 ރުފިޔާގެ އިތުރުން ފޯނު އެލަވަންސަށް މަހަކު 1،000 ރުފިޔާ ލިބޭނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު