އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް، އެ މައްސަލައިގައި ވެއެވެ.އެމްޑީޕީން ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ.އިތުބާރު ނެތް ކަމަށް ގަރާރުގައި ހުރި ކަންކަން:
- ޑޮލަރުގެ އަގު ކަޅު ބާޒަރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުން
- ދައުލަތުގެ މުދަލާއި ދައިސާ އަމާނަތްތެރިކަމާ އެކު ނުބެލެހެއްޓުން
- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކާ
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ މަލަމަތި ބަދަލުކޮށްލާނެ ކަމަށް، ތަފާތު އެކި ބިޔަ މަޝްރޫއުތައް އިއުލާން ކޮށްފައިވީ ނަމަވެސް އެ މަޝްރޫއުތައް ހުއްޓިފައި އޮތުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެެރޭގައި ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ އަމަލީ މަސައްކަތް ނުފެށުމާއި ޑިވެލޮޕްމެންޓް ބޭންކްގެ ހިދުމަތާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަސައްކަތް ނުފެށުން ހިމެނެ އެވެ.
ގަރާރުގައި ބުނެފައިވާ ގޮތުން ސައީދު ވަނީ މަޖިލީހަށް ހާޒިރުކޮށް، އޭނާއާ މެމްބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލާ ނުގުޅޭ ސިޔާސީ ވާހަކަ ދައްކަވައި މަސްއޫލިއްޔަތުން ރެކިވަޑައިގެންފަ އެވެ.
އަދި އަމިއްލަ ވިޔަފާރިވެރިންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި އެތައް ވިޔަފާރިއަކާއި އަމިއްލަ ފަރުދުން ބިކޮށްފައި ކަމަށް ވެސް ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ.އެމްޑީޕީން މީގެ ކުރިން މަޖިލީހަށް ވެއްދީ މި ސަރުކާރުގެ އެންމެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އެއީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރު ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ މައްސަލަ އެވެ.ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން އެ މައްސަލަ ފާސްކޮށްފައެއް ނުވެ އެވެ.