ޚަބަރު
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔަނީ ސިޔާސީ ބޭނުމަށް: ސައީދު
ތަކެތީގެ އަގުބޮޑުވުމާއި ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅިގެން މުޒާހަރާ ކުރަން އެމްޑީޕީން ނިންމާފައި ވަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކަމަށް ރޭ ރައްދު ދެއްވައިފި އެވެ.

ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ "ދަތިވެއްޖެ"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން މި މަހު 12 ގައި މާލޭގައި މުޒަހާރާއެއް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ސައީދު ވިދާޅުވީ ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރިއިރު، މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެއީ ހެޔޮ އަގެއް ކަމަށެވެ. މިސާލެއްގެ ގޮތުން އިންޑިއާގައި ޕެޓްރޯލް ލީޓަރެއް 18.08 ރުފިޔާއަށް އުޅޭއިރު، ސިންގަޕޫރުގައި އަގުތައް މިއަށްވުރެ މަތިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމްޑީޕީން ފަތުރަމުންދާ އަގުތަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ، ބައެއް ބާވަތްތަކުގެ އަގުތައް އާންމުކޮށްފައި ހުރީ އޮޅޭގޮތަށް ކަމަށެވެ. އެގޮތުން ކިއުކަންބާ ކިލޯއެއް 105 ރުފިޔާއަށް އުޅޭ ކަމަށް ބުނާއިރު، ރެޑްވޭވް ފަދަ ފިހާރަތަކުން 35 ރުފިޔާއަށް އެ ތަކެތި ލިބެން ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބޭބީ މިލްކާއި، އޮލީވް އޮއިލް އަދި ފަރުމަހުގެ އަގުތައް ވެސް އެމްޑީޕީން ބުނާ އަގަށްވުރެ މާ ހެޔޮކޮށް ބާޒާރުން ލިބެން ހުރި ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ އިދިކޮޅު އެމްޑީޕީން އަބަދުވެސް ބޭނުންވަނީ ރައްޔިތުންނަށް "ލަނޑު ދިނުން" ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން އެތައް މަސައްކަތްތަކެއް މި ސަރުކާރުން ކުރާއިރު އެއިން އެއްވެސް ކަމެއް އެމްޑީޕީން ބަލައިނުގަންނަ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ދިވެހި ފައިސާގެ އަގު ވެއްޓި، ރާއްޖޭގެ ދަރަނި އިތުރުވެފައި ވަނިކޮށް އޭގެ ތެރެއިން ގިނަ ދަރަނިތައް ދެއްކީ ވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު