ޚަބަރު
ރިޔާސީ ޕްރައިމަރީ ކެމްޕޭނާ އެތައް ހާސް ބަޔަކު އަންނަނީ ގުޅެމުން: ޝާހިދު
އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވިފަހުން އޭނާގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނާ އަމަލީގޮތުން އެތައް ހާސް މެމްބަރުންނެއް ގުޅެމުންދާކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ޝާހިދު، ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި އަދި އެންމެ ހަމަހަމަ ގޮތް ކަމަކަށް ގަބޫލެއް ނުކުރެއްވެއެވެ.

ރައީސް ކަމަށް ވާދަކުރެއްވުމުގެ ޝައުގު ފާޅުކުރައްވައި ޝާހިދު ވިދާޅުވީ، އޭނާއަކީ ގައުމުގެ ލާބަޔާއި މަސްލަހަތު އިސްކޮށް، އިންސާފާއި ހަމަހަމަ ފުރުސަތުތަކެއް އޮތް އަދި ސާދާ ވެރިކަމެއް ކޮށްދޭނެ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވިފަހުން ވޭތުވެދިޔަ 48 ގަޑިއިރަކީ ވަރަށް ގިނަ ކަންތައްތަކެއް ހިނގައިދިޔަ، ހަރަކާތްތެރި ވަގުތުތަކެއްކަމުގައި ވިދާޅުވެ އެތައް ހާސް މެމްބަރުންނެއް މިހާރުވެސް އޭނާގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނާއި ގުޅެމުންދާކަމަށް" ޝާހިދު ވިދާޅުވި އެވެ. 


ޢަބްދުﷲ ޝާހިދަކީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށްވުމުގެ ޝަރަފު ހޯއްދަވާފަ އެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައެވެ. ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު