އދ.ގެ ސަލާމަތީ މަޖިލީހުގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރެއްވުމަށްފަހު ވަޑައިގަންނަވަނީ
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ މުހިންމު ފޯރަމްތަކެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ.
އަންނަ އާދިއްތަ ދުވަހު ފަށާ ފޯރަމްތަކަކީ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އާއި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް"އެވެ.މި ފޯރަމްތައް އިންތިޒާމުކުރުމުގައި ހަރަކާތްތެރިވާ ފޮރިން މިނިސްޓްރީން ބުނީ، މި ފޯރަމްތައް ރާއްޖޭގައި ބާއްވަން މަގުފަހިވީ 2024 ވަނަ އަހަރު ބޭއްވި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ބައްދަލުވުމުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ.މިނިސްޓްރީން ބުނި ގޮތުގައި، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިންވަނަ ބައިނަލްއަގުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ.
ފޯރަމްގެ މަގުސަދުތައް
- ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ދައުލަތްތަކުގެ އިތުރުން އެ ގައުމުތަކުގެ ވިޔަފާރިތަކާއި އެކިއެކި އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުން.
- ފާއިތުވި ބައްދަލުވުންތަކެކޭ އެއްފަދައިން މި އަހަރުގެ ފޯރަމުގައި ވެސް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި ވިޔަފާރިކުރުމަށާއި އިންވެސްޓްކުރުމަށާއި އިގުތިސާދީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ދިމާވާ ދަތިތަކާއި ހުރި ފުރުސަތުތަކާ މެދު މަޝްވަރާކޮށް އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ހައްލުތައް ދަސްކުރުމަށާއި ތަޖުރިބާ ހިއްސާކުރުމަށާއި އެކި ސަރަހައްދުތަކުގެ ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމަށް ތަފާތު ހަރަކާތްތަކާއި މަސައްކަތްތައް ކުރުމަށް ރާވާފައިވޭ.
- ތަރައްގީގެ މަގުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި އެ ކުރިއެރުންތައް ހާސިލުކުރުމުގައި ލިބިފައިވާ ތަޖުރިބާ އާއި ދަސްވި ފިލާވަޅުތަކާއި ރާއްޖޭގެ ވިޔަފާރިތަކުން ކުރަމުންދާ އީޖާދީ މަސައްކަތްތައް އެ ފޯރަމްގެ ބައިވެރިންނާ ހިއްސާކުރުމަށް ހާއްސަ އިސްކަމެއް ދޭނެ.
- ޓޫރިޒަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތަ އާއި ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމަށް ތަފާތު ހަރަކާތްތަކެއް ރާވާފައިވޭ.
މިނިސްޓްރީން ބުނީ އައިލެންޑް އިންވެސްޓްމަންޓް ފޯރަމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ފާސްކުރި "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)"ގެ ދަށުން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމެއް ކަމަށެވެ.
އެ ފޯރަމްގެ މަގުސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ދަތިތައް ދެނެގަނެ، އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމާ އެކު އެ ގައުމުތަކުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރުގެ ފޯރަމަކީ އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ރަސްމީކޮށް އިފްތިތާހުކުރެވޭ ފޯރަމް ކަމަށް ވާތީ، އެ ފޯރަމްގެ އަމާޒަކީ އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާ ދަތިތައް ދެނެގަނެ ތަޖުރިބާ ހިއްސާކޮށް، ހައްލުތައް ހޯދުމަށް މަސައްކަތްކުރުމެވެ.
އެ ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުތަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.