
ތިނަދޫގައި ރޭ ބޭއްވި "އާބާދީ 60" ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ޖިހާދަކީ ކޮންމެހެން ކަނޑި ބަޑި ހިފައިގެން ނުކުމެ މަސައްކަތް ކުރާ ކުރުމެއް ނޫން ކަމަށާއި އެބަޔަކު ގަބޫލުކުރާ ހަމަތަކެއް ގާއިމުކުރުމަށް، ވެރިކަމުގައި ތިބި ބަޔަކާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ޖިހާދެއް ކަމަށެވެ."އެހެންވީމާ ތިނަދޫގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ތާރީހުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ ގައުމީ ޖިހާދެއް،" ޔާމީން ވިދާޅުވި އެވެ.ޖިހާދަކީ އެއްވެސް ގޮތަކަށް އަންނަ އުދުވާނަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ދަތިކަމަކުން އަރައިގަތުމަށް ހިތްވަރާއެކު ނުކުމެ ރައްޔިތުންގެ މަސްލަހަތުގައި ކުރާ ކޮންމެ ކަމަކީ ޖިހާދެއް ކަމަށް ޔާމީން ވިދާޅުވި އެވެ."އަޅުގަނޑު މި ޖިހާދު މި ގެންނަނީ އެއްވެސް ގޮތަކަށް އިސްލަމީ މާނައެއްގައެއް ނޫން. މި ޖިހާދަކީ ހަގީގަތުގައި ވެސް މި ކަންކަން ބަދަލުކުރަން އަޅުގަނޑުމެން އެދޭ އެދުން،" ޔާމީން ވިދާޅުވި އެވެ.ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ތިނަދޫން ދައްކުވައިދިނީ ތަރައްގީގެ މިސާލެއް ކަމަށާއި ތިނަދޫއަކީ ހުވަދޫގެ ނާރެސް ކަމަށެވެ.