އަލިފާނުގެ ހާދިސާ ހިނގި ގޭގެ ފާރު ވެއްޓި ގެއްލުންވެފައި. -- ފޮޓޯ: އެންޑީއެމްއޭ
މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. ބިދޭސީން ދިރިއުޅޭ ތަނެއްގައި ގޭސް ފުޅިއެއް ގޮވައި ހާދިސާއެއް ހިނގިއިރު، ހަމަ މިފަދަ ހާދިސާއެއްގައި މިދިޔަ މާޗް މަހު އއ. ދިގުރަށުގައި ފަސް ބިދޭސީއަކު ވަނީ މަރުވެފަ އެވެ. މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ ސަފީގުލް އިސްލާމް، އެމްޑީ ސާދަރު އަލީ، ތާޖުއްދީން އިސްލާމް، އެމްޑީ ރޮބިން މޮއްލާ އަދި އެމްޑީ ނަބީސަރްކާރް އެވެ.އޭކުރިން ނޮވެމްބަރު، 2022، ގައި މާލޭގައި ހިނގި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީއަކު ވަނީ ނިޔާވެފަ އެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިންޑިއާގެ ރައްޔިތުންނެވެ. ރަސްމީ ހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެކެވެ. ނުރަސްމީ ހިސާބުތަކުން އެ އަދަދު މާ ބޮޑަށް އިތުރު ވާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީން އުޅެނީ ދިރިއުޅެން އެކަށީގެންނުވާ ކުދި ތަންތަންކޮޅުގައި، ވަރަށް ގިނަ މީހުންނައެކު އެވެ.