ތިން މިނިސްޓްރީގައި ރޯކޮށްލި މީހާ ފުލުހުންނަށް އެނގޭނެ ކަމަށް ޔާމީން ވިދާޅުވުމުން ތަހުގީގު ކުރަނީ
ޔޫނުސް އިބްރާހިމް
07 ސެޕްޓެމްބަރ 2026 - 11:29
0 comments
ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ، ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތުގައި - ފޮޓޯ: ދައުރު
ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އިމާރާތް އަނދައިގެންދިޔައީ ރައީސް މުހައްމަދު މުއިއްޒާ ގާތް ގުޅުމެއް އޮތް ބަޔަކު އެތަނުގައި ރޯކޮށްލުމުން ކަމަށާއި އެކަން ކުރި ބަޔަކު ފުލުހުންނަށް ވެސް އެނގޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އެ މައްސަލަ ބަލަން ހޯމް މިނިސްޓަރު އަލީ އިހުސާން އަންގަވައިފި އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި ގޮތުގައި ތިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމެކެވެ. އަދި ރޯކޮށްލި މީހާ ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ."ދެން ރަނގަޅު އެނގޭތޯ މާލޭގެ އެހެން ތަނެއްގައި މުޅި މާލެ ރޯކޮށްލައި ހުޅުދާންކޮށްލޭނެ އެނގޭތޯ. އެއީ ނޫންތޯ މިކަން. ފުލުހުންނަށް ރަނގަޅަށް އެނގޭ ތި ގްރީން ބިލްޑިން ރޯކޮށްލި، އެކަމުގައި އުޅުނީ ކާކުކަން އެނގޭ. މުއިއްޒާ ކިހާ ވަރެއްގެ ގާތް މީހެއްކަން އެނގޭ. ފުލުހުންގެ އަތުގައި އެބައޮތް އެ މައުލޫމާތު. ބޭނުމެއްނުވޭ ފިޔަވަޅު އަޅާކަށް،" ޔާމީން ވިދާޅުވި އެވެ.އެކަމާއި ގުޅިގެން މިނިސްޓަރު އިހުސާންގެ ސޯޝަލް މީޑީއާ ޕޯސްޓުގައި ވަނީ، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ޔާމީން ވިދާޅުވި މައްސަލާގައި ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަވާ ނަމަ އެކަން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ."..ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފައި." އިހުސާން ވިދާޅުވި އެވެ.
ތިން މިނިސްޓްރީއެއް ހިންގަމުން އިމާރާތާއި އެންވަޔަރުމެންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން އަދި މާލެ ސިޓީ ކައުންސިލް ހިންގަމުން އައި ތަނުގައި ރޯވީ ޑިސެމްބަރު 12، 2024 ގެ ހެނދުނު 6:30 ގަ އެވެ.