
އީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) އާ ހިލާފު ކަމެއް ކަމަށެވެ. މިއީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް އީސީން ބުންޏެވެ.ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގަކަށްވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކުގައި ކަމަށާއި އެހެންކަމުން ސިޔާސީ ހަރަކާތްތައް ހިންގުމުގައި ގާނޫނީ އިމުގެ ތެރޭގައި ތިބުމަށް އެދޭ ކަމަށް އީސީން ބުންޏެވެ.އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވެ، އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.ފާހަގަ ކުރެވޭ - އީސީން މިފަދަ ބަޔާނެއް ނެރެފައިވަނީ، މިދިޔަ ހަފްތާ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކެއް ފަހުން އެއީ އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ވާހަކަތަކެއް ކަމަށް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.