އިސްމާއިލް ރިޒާ
18 ސެޕްޓެމްބަރ 2026 - 21:11
0 comments
ސިޔާސީ ޕާޓީތަކަށް މީހުންނަށް ނޭނގި އޮޅުވާލައިގެން ވެއްދުމާއި ވަކިކުރުމުގެ ފުރުސަތު "އީ ފާސް" ނިޒާމުގެ ތެރެއިން އެއްވެސް މީހަކަށް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާރު ޕާޓީތަކަށް ވަންނަނީ އަދި ވަކިވަނީ އީ-ފާސް މެދުވެރިކޮށް ކަމަށްވާތީ އެކަމުގައި އިލެކްޝަންސް ކޮމިޝަނަށް އަދި އެހެން ޕާޓީއަކަށް ވެސް މަކަރު ނުހެދޭނެ ކަމަށެވެ. "ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދު ހިނގާ މުއާމަލާތެއް. މިއީ އިތުރުފަރާތެއްގެ ބައިވެރިވުމެއްނެތް، ފަރުދީ މިނިވަންކަމާއި އިހްތިޔާރުގެ ތެރެއިން ނިމޭ ނިންމުމެއް. މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ ޕާޓީއަކަށް ބަދަލުކުރުމަކީ މި ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން،" އީސީން ބުންޏެވެ. މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ކޮންމެ މީހަކަށް އެމީހެއްގެ އަމިއްލަ އީ ފާސް މެދުވެރިކޮށް، ފުރިހަމަ އިހުތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އީސީން ބުންޏެވެ.
ނަމަވެސް ޕީއެންއެފުން ގެންދަނީ ހަގީގަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އީސީއަށާއި ޕާޓީތަކުގެ މެމްބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ވާހަކަ ދައްކަމުން ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.
އަދި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން ވަނީ ނަސޭހަތްތެރިވެފަ އެވެ.