ޚަބަރު
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރު ނިންމާލައިފި
ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނު ނިންމައި ޖުމްލަ 341 ދަރިވަރަކު މިއަދު ދަސްވެނިވެއްޖެއެވެ.

މި ބެޗްގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދުއެވެ.

އެ ރަސްމިއްޔާތުގައި ޓްރޭނިން ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުމެއް ވެސް ބޭއްވި އެވެ.

މިދިޔަ މެއި މަހުގެ 17 ގައި 15 ހަފުތާގެ މުއްދަތަށް ފެށި ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވި އެވެ. ނަމަވެސް ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ އޭގެ ތެރެއިން 341 ދަރިވަރުންނެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.

ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއިރު އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފަ އެވެ. ދެވަނަ ބެޗުގެ ދަރިވަރުންގެ ތެރެއިން 344 ދަރިވަރަކު ވަނީ މިދިޔަ މެއި މަހު ދަސްވެނިވެފަ އެވެ.

ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު