ޚަބަރު
ހެޔޮއެދޭ މީހުން ރައީސަށް ދޭ ފައިސާގައި ހިފުން މަނަލެެއް ނޫން: ޔާމީން
ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ މީހުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ މަނާކަމެއް ނޫން ކަމަށާއި، މައްސަލައަކަށްވަނީ އެ ފައިސާގެ ބަދަލުގައި ނާޖައިޒު ފައިދާއެއް ހޯދައިދިނުމުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއްޔެ ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގަ އެވެ. 

މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ޔާމީނަށް އެކި ގޮތްގޮތުން ލިބިފައިވާ ރުފިޔާ މާރުކޮށްގެން ހޯދި ފައިސާ ކަމަށް ދިފާއުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ، ދައުލަތުން ވަނީ ވިޔަފާރިކުރުން މަނާކޮށްފައިވާއިރު، ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން އެހާ ގިނަ ފައިސާ ހޯއްދެވި ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ. 

ޔާމީން ވިދާޅުވީ، އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، ގެދޮރު ކުއްޔަށް ދިނުން ފަދަ ކަންކަމުން އާމްދަނީ ލިބޭ ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އެ މަނިކުފާނުގެ އަތްޕުޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން މާލީ ބަޔާންތަކުން ސާފުވާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ބޭނުމުގައި ހެޔޮއެދޭ ފަރާތްތަކުން ސިޔާސީ ގޮތުން ފައިސާގެ އެހީތެރިކަން ދެ އެވެ. އެއީ ހުސް ސިޔާސީ ޕާޓީތަކަށް ޖަމާކުރަންޖެހޭ ފައިސާ ނޫން ކަމަށާއި، އެ ފަދަ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭންކަށް ޖަމާނުކޮށް ގޭގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ގެންގުޅުއްވި މައްސަލައިގައި ޔާމީން ވިދާޅުވީ، ސަލާމަތީ ގޮތުން ރައްކާތެރިކަން އޮތް ގެކޮޅެއްގައި ފައިސާ ބެހެއްޓުމަކީ ގާނޫނީ ގޮތުން ކުށެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ މައިގަނޑު ހެކިންގެ ގޮތުގައި ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުބާރާމެދު ޔާމީންގެ ވަކީލުން ވަނީ ސުވާލުތަކެއް އުފައްދައިފައެވެ.

އެގޮތުން ޔާމީންގެ އިސް ވަކީލު އަދި އެ މަނިކުފާނުގެ ކުރީގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އަދީބާއި ޒިޔަތަކީ ޔާމީނާ ދެކޮޅަށް ހެކި އުފެއްދުމަށް ދައުލަތުން ބޭނުންކުރާ "މެޝިނެއް" ކަމަށެވެ. އެ ދެ މީހުންނަކީ ފާސިގުން ކަމަށާއި، އެ މީހުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށް ޖަމީލް ވިދާޅުވި އެވެ.

އެހެންވެ، މި މައްސަލަގައި ހިމެނޭ އެހެން މީހުން ދޫކޮށްލައި، ހަމައެކަނި ޔާމީންގެ މައްސަލައިގައި ދައުލަތުން މަސައްކަތް ކުރާތީ، ދައުލަތުގެ ނިޔަތާ މެދު ވެސް ޔާމީންގެ ވަކީލު ހަމްޒާ ސުވާލު އުފެއްދެވި އެވެ. 

މި މައްސަލައިގައި އިއްޔެ ދައުލަތުން ވެސް ހުލާސާ ބަޔާން އިއްވާފައިވާއިރު، މިހާ ހިސާބުން ޝަރީއަތުގެ އަޑުއެހުންތައް ވަނީ ނިމިފަ އެވެ. މައްސަލަ ބައްލަވާ ގާޒީ ވަނީ މި މަހުގެ 29 ވަނަ ދުވަހު މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މި މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނަތް ހިންގި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. މިހާރު ކުރިއަށް ދަނީ އެ މައްސަލަ ސާބިތުވާ ކަމަށް މީގެކުރިން އެ ކޯޓުން ކަނޑައަޅާފައި އޮތް ނިންމުން ބާތިލްކޮށް ހައި ކޯޓުން އަލުން ބަލަން އަންގާފައިވާތީ ހިންގާ ޝަރީއަތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު