ފުއްގިރި މައްސަލައިގައި ރައީސް ޔާމީންއަށް ހުކުމް އިއްވުން މި މަހުގެ 29 އަށް ތާވަލުކޮށްފި
ޔޫނުސް އިބްރާހިމް
14 އޮކްޓޫބަރ 2026 - 11:37
0 comments
ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުކުމް އިއްވުމުގެ މަޖިލީސް މި މަހުގެ ފަހުކޮޅަށް ތާވަލުކޮށްފި އެވެ. 
ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއް ނިމުމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އިއުލާން ކުރެއްވީ ހުކުމް ކުރުމުގެ މަޖިލިސް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި އޮންނާނެ ކަމަށެވެ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. މި މައްސަލައިގައި ފުރަތަމަ ހަ ފަރާތެއްގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލި ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށްދަނީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށެވެ.ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޔާމީން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ކުރުމުގެ އެއްވެސް އަސާސެއް ނެތް ކަމެވެ.
ފުއްގިރި މައްސަލައިގައި ވެސް ޔާމީންއާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ތިބީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. އެ ދެ މީހުންގެ ހެކިބަހުގެ ސައްހަކަމާ މެދު ވެސް ޔާމީން ސުވާލު އުފެއްދެވި އެވެ.