ކުޅިވަރު
ނިލަންދޫ ސްޕޯރޓްސް ކްލަބްގެ އެކަޑަމީ ރަސްމީކޮށް ފަށައިފި
ފ. ނިލަންދޫގައި ހިންގުމަށް ހަމަޖެހިފައިވާ ނިލަންދޫ ސްޕޯރޓްސް ކްލަބް ފުޓްބޯޅަ އެކަޑަމީގެ ޙަރަކާތްތައް ރަސްމީކޮށް ނިލަންދޫގައި ފަށައިފިއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނިލަންދޫ ސްޕޯޓްސް ކްލަބާއި ދެމެދު ވޭތުވެދިޔަ ހަފްތާގައި ސޮއިކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)ގެ ދަށުން ހުކުރު ދުވަހު ހަވީރު ނިލަންދޫ ފުޓްސަލް ދަނޑުގައި އެކަޑަމީގެ ޙަރަކާތްތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ޙަސަން ޢުމަރުއެވެ. މިރަސްމިއްޔާތުގައި އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރ އަދި ނިލަންދޫ ސްޕޯޓްސް ކްލަބްގެ ކޯޗް އަޙުމަދު މުޖުތަބާ (ފެސްކޯ) އާއި ނިލަންދޫ ސްޕޯރޓްސް ކްލަބްގެ ރައީސް އަންވަރު ޢަލީއާއި މިނިސްޓްރީ އޮފް ޔޫތު ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ޔޫތު އެގްޒެކެޓިވް އަޙުމަދު މުޖުތަބާ އާއި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކްލަބް ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ބައިވެރިވިއެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކައިގާ މިއީ ނިލަންދޫއަށް ލިބިގެންދާ ވަރަށްބޮޑު ޝަރަފެއްކަން ފާހަގަކޮށް މިލިބުނު ފުރުޞަތުގެ ބޭނުން ހިފައިގެން ކޮންމެ ކުއްޖަކީވެސް މުސްތަޤުބަލުގައި މޮޅު ކުޅުންތެރިޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އެކަޑަމީގެ ޓެކްނިކަލް ޑައިރެކްޓަރ ވިދާޅުވީ މިއީ ފެށުމެއްކަމަށާއި މިކަމުގެ ސަބަބުން މުސްތަޤުބަލުގައި އިތުރު އެތައް ފުރުޞަތެއް ފަހިވެގެންދާނެ ކަމަށެވެ. އަދި މިއަދު ކޮންމެ ކުއްޖަކުވެސް އަމާޒެއްކަމުގައި ކަނޑައަޅަންވީ ދުރުނޫން މުސްތަޤްބަލެއްގައި ނިލަންދޫޓީމަށް އަދި އެހެން ޓީމަކަށްވިޔަސް އެންމެ މަތީފަންތީގައި ކުޅުމަށްކަމަށެވެ. ކްލަބްގެ ރައީސްގެ ވާހަކައިގާ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ބޮޑު އެހީތެރިކަމާއެކު ފެށިގެންމިދާ އެކަޑަމީއަކީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރިޔަށްގެންދާ ކަމެއް ކަމަށާއި އެކަޑަމީ ފެށިގެންދާއިރު އެކަޑަމީގައި ހަރަކާތްތެރިވާ 5 ކޯޗުންނާއި އެހެނިހެން ފަރާތްތަކީވެސް ފުޓްބޯޅައިގެ ގްރާސްރޫޓް ކޯޗިންގގެ ކޮންމެވެސްވަރެއްގެ ތަމްރީނެއް ލިބިފައިވާ ފަރާތްތަކެއް ކަމަށެވެ. އަދި ފެބްރުއަރީ މަސްތެރޭގައި ނިލަންދޫގައި "ޑީ ލައިސްންސް" ކޯޗިންގ ޕްރޮގްރާމެއް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް ވިދާޅުވިއެވެ. މިޕްރޮގްރާމާއެކު އެކަޑަމީގެ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ. ފީފާ އެޓޯލް ޕްރޮޖެކްޓް ފާފު އެޓޯލް ޓްވާރޑްސް ފިއުޗާރގެ ދަށުން ނިލަންދޫ ސްޕޯރޓްސް ކްލަބާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނިލަންދޫގައި ކުރިޔަށްގެންދާ އެކަޑަމީ ފެށިއިރު ޢުމުރުން 5 އަހަރުފުރި 18 އަހަރު ނުފުރޭ 51 ކުއްޖަކު ބައިވެރިވެފައިވާއިރު މިހާތަނަށް އެކަޑަމީގައި 60 އަށްވުރެ ގިނަ ކުދިން ރެޖިސްޓްރީކޮށްފައިވެއެވެ. އެކަޑަމީގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިހާރުވެސް ނިލަންދޫގައި ނިލަންދޫ ޔަންގް ޖެނެރޭޝަނުން އިސްނަގައިގެން ކުރިޔަށް ގެންދާ ގްރީން އެކަޑަމީއަށް އެފަރާތުން ރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން 10 ބޯޅަ ވަނީ ހަދިޔާކޮށްފައެވެ. ނިލަންދޫ ސްޕޯރޓްސް ކްލަބް އެކަޑަމީގެ ފަރާތުން ކްލަބްގެ ރައީސް އަންވަރު ޢަލީ ޙަވާލުކުރި މިބޯޅަތަކާއި ގްރީން އެކަޑަމީގެ ފަރާތުން ޙަވާލުވީ ނިލަންދޫ ޔަންގް ޖެނެރޭޝަންގެ ރައީސް ޢަބްދުލް ޙަމީދު މޫސާއެވެ. މީގެ އިތުރުން 2 އެކަޑަމީގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި މިއެއްބަސްވުމުގެ ދަށުން ނިލަންދޫ ސްޕޯރޓްސް ކްލަބް އެކަޑަމީން ގްރީން އެކަޑަމީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ދެފަރާތް ގުޅިގެން މަސައްކަތްތަކެއްވެސް ކުރުމަށް ހަމަޖެހިފައިވާ ކަަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނިލަންދޫ ސްޕޯރޓްސް ކްލަބްގެ އެކަޑަމީ ފެށުމަށް ހުކުރު ދުވަހު ހަވީރު ނިލަންދޫ ފްޓްސަލް ދަނޑުގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތު ސްޕޮންސަރ ކޮށްފައިވަނީ ނިލަންދޫގައި ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންގެންދާ ފަރާތެއްކަމުގައިވާ "ރެމޯރާއިން" އިންނެވެ.
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު